ސްޓެލްކޯ ޓްރާންސްފޯމަރަކުން ވައްކަން ކުރަންއުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށްވަދެ، ވައްކަމުގެ އަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރާ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ސްޓެލްކޯ ބުނެފައިވެ އެވެ.
"މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން." ސްޓެލްކޯއިން ބުނެފައިވެ އެވެ.
މީގެއިތުރުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ. އަދި މިގޮތަށް ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު މަރުވެފައިވެ އެވެ.