ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން އީސީން އިއްޔެ ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާ ކަމަށެވެ. އެހެންކަމުން އެމްއާރްއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީގެ ދަފްތަރު ދައްކާގޮތުން ރާއްޖޭގައި މިވަގުތު އޮތީ 9 ސިޔާސީ ޕާޓީ އެވެ.
އީސީގެ ދަފުތަރުގައި އޮތް ސިޔާސީ ޕާޓީތަކާއި މެންބަރުން ތިބި އަަދަދު:
- ޕީޕާލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) – 68،968 މެންބަރުން
- ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) – 43،755 މެންބަރުން
- ޖުމްހޫރީ ޕާޓީ – 13،826 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) – 9210 މެންބަރުން
- އަދާލަތު ޕާޓީ – 9049 މެންބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) – 6050 މެންބަރުން
- ދަ ޑިމޮކްރެޓްސް – 3667 މެންބަރުން
- ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) – 2822 މެންބަރުން
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) – 2359 މެންބަރުން