ޕީޖީ އޮފީހުން "ބަންދު ފޯރަމް"ގެ ނަމުގައި ފޯރަމެއް ބާއްވައިފި

ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން "ބަންދު ފޯރަމް"ގެ ނަމުގައ،ި ޝަރީއަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ހައްލުކުރުމަށް ފޯރަމެއް ބާއްވައިފި އެވެ.

ޕީޖީ އޮފީހުގެ އިސްނެގުމަށް ބޭއްވި މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ ޝަރުޢީ ކޯޓުތައް ފިޔަވައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށެވެ. 

މި ފޯރަމް ބޭއްވި މަޤްސަދަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖައާކޮށް މުތާލިއާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްޤުތަކާއި މުޖުތަމައުގެ ހައްޤުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ. އަދި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމާއި އެ ކަންކަމަށް އޮތް ހައްލު ހުރިހާ އިދާރާތަށް ގުޅިގެން ދެނެގަތުން ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. 

މި ފޯރަމްގެ މައުޟޫއާ ގުޅޭ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް، ބަންޑާރަނާއިބު އަހުމަދު އުޝާމް، ހޯމް މިނިސްޓަރު އަލީ އިހުސާން، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު، އަލްއުސްތާޛް އިބްރާހީމް ޝަމީލް އަދި އަލްއުސްތާޛް ހަމްޒާ ލަތީފު އެވެ. 

މި ފޯރަމްގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި، އެޅިދާނެ އެހެން ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުމަށް މިހާރު އޮތް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، މޮނިޓަރިން މެކޭނިޒަމްއެއް ތަންފީޒު ކުރުމަށް ތަންފީޒީއިދާރާތަކުން ތައްޔާރުވެފައިވާ މިންވަރު ހިމެނެ އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށްގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާމެދު މަޝްވަރާކުރެވުނެވެ.

މި ފޯރަމްގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ނިންމުނު ކަމަށާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ޝަރީއަތް ނިމެންދެން ބަންދުކުރާ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ގަވާއިދުން ހިއްސާ ކުރަމުންދިއުމަށް ނިންމުނު ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެ އެވެ. 

Leave a Reply

Your email address will not be published. Required fields are marked *