ވަގަށް އަނބު ބިނުމުގެ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި އެވެ.
ވައްކަމުގެ ތަފާތު ދެ މައްސަލައެއްގައި މި ދެމީހުން ހައްޔަރުކޮށް ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވަނީ އިއްޔެ އެވެ. މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 7 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެގޮތުން 30 އަހަރުގެ ފިރިހެނަކު ވައްކަމުގެ ތުހުުމަތުގައި ހައްޔަރުކޮށްފައިވަނީ ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސްގެ އިމާރާތުގެ ގޯތިތެރޭގައި ހުރި ގަހުން އަނބު ބިން މައްސަލައިގަ އެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ އެގަހުން އަނބު ބިނީ އެތަނުގެ ސެކިއުރިޓީގެ ހުއްދައާއެކުކަމަށެވެ. ނަމަވެސް ފުލުހުން ކޯޓުގައި ބުނެފައިވަނީ، އެތަނަށް ދިޔައިރު އެތަނުގައި ސެކިއުރިޓީއެއް ނެތްކަމަށެވެ.
ދެން ބަންދު މުއްދަތު ޖަހަން ގެންދިޔައީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފާރުމައްޗަށް އަރައި، ޖުވެނައިލް ކޯޓުގެ އަނބުގަހުން އަނބު ބިނުމަށްފަހު ދާން އުޅެނިކޮށެވެ. މީނާގެ ކޯޓު އަމުރުގައިވާ ގޮތުން، އެތަނުގެ ސެކިއުރިޓީ ކުދިން އޭނާއަށް އެކަން ތަކުރާރުނުކުރުމަށާއި އަނބުތައް ބަހައްޓާފައި ދިއުމަށް އެންގުމުން، އެތަނުން ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ހައްޔަރު ކުރި ކަމަށެވެ. މި މީހާއަކީ ކުރިން 63 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭގެތެރެއިން 30 ފަހަރު އޭނާ ބަންދުކޮށްފައިވާ ކަމަށް ބަންދު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.