އއ. ހިމަންދޫ ގައި ކުރިއަށްގެންދިޔަ "ހެލްޕް ޣައްޒާ" ހަރަކާތަށް އެ ރަށު ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.
ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި "ހެލްޕް ޣައްޒާ – ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހަރަކާތެއް ހިންގާފައިވާ ކަމަށެވެ.

މި ހަރަކާތުން ޖުމްލަ 260,800 ރުފިޔާ އެއްކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 126,560 ރުފިޔާ އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެ އެވެ.
މިފަދަ އިޖްތިމާޢީ ހިދުމަތުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަޚުރުވެރިވެ، އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.