ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ޝުއޫރުފާޅުކުރަން ފެށުމުން އެ މެންބަރުންގެ ނަން އިއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި ޝުއޫރުފާޅުކޮށް އިހުތިޖާޖު ކޮށްފަ އެވެ.

މިކަމާ ގުޅިގެން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްޑީޕީގެ މެންބަރުންގެ ނަން އިއްވާފަ އެވެ.
އެގޮތުން ނަން އިއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
މެންބަރުންގެ ނަން އިއްވުމަށްފަހު އެ މެންބަރުން މަޖިލީހުގެ ތަޅުމުން ނިކުންނަންދެން ރިޔާސީ ބަޔާން އިއްވުން މަޑުޖައްސާލައި، ޖަލްސާ މެދުކަނޑާލާފައިވެ އެވެ. އަދި އެ މެންބަރުން ތަޅުމުން ނުކުތުމުން ރިޔާސީ ބަޔާން އިއްވުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރައީސް މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވާއިރު އެމްޑީޕީގެ ސަޕޯޓަރުން އަންނަނީ މަޖިލިސް ބޭރުގައި އިހުތިޖާޖުވެސް ކުރަމުންނެވެ.