ސްކޫލުތަކަށް ސިޔާސީ ނުފޫޒު ވެއްދުމަކީ ހުތުރު ކަމެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: ނިޝާން އަލީ، މިހާރު

ސްކޫލްތަކަށް މިސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވަމުންދާކަން ހާމަވާ ކަމަށާއި މިކަމަކީ ހުތުރު ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިފަދައިން މިފަދައިން ވިދާޅުވެފައިވަނީ، މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކާމިިޔާބީ ފާހަގަކޮށް މީކާއިލް ކިޔަވާވިދާޅުވި ޖަމާލުއްދީން ސްކޫލުން ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރުމަށްފަހު އެ ޕޯސްޓް ޑިލީޓް ކުރި މައްސަލައިގަ އެވެ. މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި އެ ޕޯސްޓް ޑްލީޓް ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށެވެ.

މިކަމާއި ގުޅިގެން ޝާހިދު ވިދާޅުވީ، މެންބަރު މީކާއިލް އަހުމަދު ނަސީމްފަދަ, ޖަމާލުއްދީން ސްކޫލު މިއަދު ހުރިހާ ގޮތަކުންވެސް ފަޚުރުވެރިވާ އިސް ދަރިވަރެއްގެ ޕްރޮފައިލް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަށްފަހު, އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ޕްލެޓްފޯމްތަކުން ފްރޮފައިލް ނެގުމުން, މިސަރުކާރުން ތައުލީމީ ނިޒާމް ސިޔާސީ ކޮށްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ރައްޔިތުން ތަމްސީލުކުރާ މަންދޫބުންނާމެދު ދަރިވަރުންގެ ހިތްތަކުގައި ނުރަގަޅު ތަސައްވުރެއް އުފައްދާ, ވަކީން ޚާއްސަކޮށް މެންބަރު މީކާއިލްގެ އަބުރަށް ހުތުރުވާގޮތަށް އަމަލުކޮށް, އުގަންނައިދޭ މަރުކަޒުތަކުގެ ތެރެއަށް މިސަރުކާރުން ސިޔާސީ ނުފޫޒު ވެއްދުމަކީ، އަދުގެ ޒުވާން ޖީލަށް ދައްކުވައިދޭ ވަރަށް ހުތުރު ނަމޫނާއެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"އެޑިއުކޭޝަން މިނިސްޓްރީގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި ތައުލީމީ ނިޒާމު ސިޔާސީ ނުކުރުމަށް މިސަރުކާރަށް ގޮވާލަން." ޝާހިދު ވިދާޅުވި އެވެ.

މީކާއިލްގެ ޕޯސްޓް ޑްލީޓް ކުރުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ޖަމާލުއްދީން ސްކޫލުން ބުނެފައިވަނީ އެ ޕޯސްޓް ޑިލީޓް ކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށާއި އެ ޕޯސްޓް ޑްލީޓްކުރީ ބެލެނިވެރިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ކަމަށެވެ.

ޖަމާލުއްދީން ސްކޫލުން މިކަމުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކށް ވެފައި އެ ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރު މީކާއިލްގެ ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން އެ ޕޯސްޓް ޑްލީޓް ކުރީ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *