ސުޕްރީމް ކޯޓުގެ މިނިވަންކަމަށް އަރައިނުގަތުމަށް ގޮވާލައިފި

އަލީ ހުސައިން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ މިނިވަންކަމަށް އަރައިނުގަތުމަށް ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ގޮވާލައްވައިފި އެވެ.

އަލީ ހުސައިން މިފަހުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފަ އެވެ. އަލީ ހުސައިން ހުށަހަޅާފައިވާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ހުށަހެޅި މައްސަލަ އެކެވެ.

ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހެޅި މައްސަލަ މިމަހުގެ 17 ވަނަ ދުވަހަށް އެ ކޯޓުގައި ތާވަލުކޮށްފައިވަނިކޮށް އަލީ ހުސައިން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ ސުޕްރީމް ކޯޓުގެ މިނިވަންކަމަށް އަރައިނުގަތުމަށް ގޮވާލައްވާފަ އެވެ.

"ސަރުކާރުގެ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުން ކޮށްގެން ސުޕްރީމް ކޯޓުގެ މިނިވަންކަމާއި މުސްތަޤިއްލު ކަމަށް އަރައިނުގަތުމަށް ގޮވާލަން." އަލީ ހުސައިންގެ ޕޯސްޓްގައިވެ އެވެ.

މިފަދައިން ވިދާޅުވި ސަބަބެއް އަލީ ހުސައިން ހިއްސާ ނުކުރައްވަ އެވެ.

ޤާނޫނުއަސާސިއަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

އަލީ ހުސައިން ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެދިފައިވަނީ މި އިސްލާހަކީ ބާތިލު އިސްލާހެއްކަމަށް ކަނޑައަޅައިދިނުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *