ސަރުކާރުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކުރަން އުޅޭކަމަށް އެމްޑީޕީން ތުހުމަތު ކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް އެކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމެވެ.
“ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް، މިހާރު ރާވާފައިވާއިރު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އިތުރުން މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.” އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ވެރިކަމުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުން ކަމަށެވެ.
މިދަނޑިވަޅުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރުމަކީ، ރައްޔިތުންގެ އިތުބާރު އޮތް ޖުޑިޝަރީއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ. އަދި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފަ އެވެ.