އައްޑޫގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހިމެނޭ މީހުން ބަންދު ކުރުމަށް އަމުރު ކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު 01:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި، އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ މައްސަލައިގައި ކުށުގެ ވެށިން ހަތަރު މީހަކާއި 15 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގައި އަތުލައިގަތް 15 އަހަރުން ދަށުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސަމާހު ތައުފީގު، 20 އަހަރު، ވިޝަން ޑްރީމް/ހިތަދޫ؛ މުހައްމަދު ޔައީޝް އަޒާދު، 19 އަހަރު، ގްރޭސް/ހިތަދޫ؛ އަޝްރަފް މުހައްމަދު، 22 އަހަރު، ނޫތަރި/ހިތަދޫ އަދި އަލީ މާޒިން ހަސަން، 20 އަހަރު، މެރީގާޑެން/ހިތަދޫ އެވެ.
މީގެތެރެއިން ސަމާހު ތައުފީގު އަދި އަޝްރަފް މުހައްމަދުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި މުހައްމަދު ޔައީޝް އަޒާދު އަދި އަލީ މާޒިން ހަސަންގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.