މިއީ ޝަރުއީ ނިޒާމަށް އަމާޒުކޮށް ދޭނެ އެންމެ ބޮޑު އުދުވާނީ ހަމަލާ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

ދުސްތޫރީ މައްސަލައެއް ސުޕްރިމް ކޯޓުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ބެންޗު ބަދަލުކުރުމަށް ހުށަހެޅުމަކީ ރައީސަކު ޝަރުއީ ނިޒާމަށް އަމާޒުކޮށް ދޭނެ އެންމެ ބޮޑު އުދުވާނީ ހަމަލާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނަށް އިސްލާ ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ، ދުސްތޫރީ މައްސަލައެއް ސުޕްރިމް ކޯޓުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ބެންޗު ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނަށް ބަދަލު ގެންނެވުމަކީ ރައީސަކު ޝަރުއީ ނިޒާމަށް އަމާޒުކޮށް ދޭނެ އެންމެ ބޮޑު އުދުވާނީ ހަމަލާ ކަމަށެވެ. ރައީސް މުއިއްޒުގެ މި އައިރު ޒިންމާދާރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ބަލައިގެންފައިވާ، ތިންބާރު ވަކިކޮށްފައިވާ ޑިމޮކްރަޓިކް ނިޒާމުގެ މިނިވަންކަން ނެތިކޮށް، ބާރުތައް މުށުތެރެއަށްލާ, ޚުދުމުތާރު ވެރިކަމެއް މި ރާއްޖޭގައި ގާއިމްކުރުމަށް، "ގޮނޑިކޮއްކޮ" ސުޕްރިމް ކޯޓެއް އުފެއްދުމަށް ރައީސް މުއިއްޒުއަށް ފުރުސަތު ނުދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އެންމެހާ މެމްބަރުންނަށް ގޮވާލަން." ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ ޝަރުއީ ދާއިރާއާއި ދެކޮޅަށް ރައީސް މުއިއްޒު ހިންގަވާ ބޮޑު ޖަރީމާއާއި ދެކޮޅަށް މުޅި ޝަރުއީ ދާއިރާ އަދި ހުރިހާ ރައްޔިތުން ތެދުވާންޖެހޭ ކަމަށެވެ. އަދި މި ޚުދުމުހުތާރު ވެރިކަމަށް ދިވެހި ރައްޔިތުން ޖާގައެއް ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންދަނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމުލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް، މި ޤާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *