ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.

މި ބިލުގެ ބަހުސް އިއްޔެ ނިންމާ ކޮމިޓީގެ މަސައްކަތްވެސް އިއްޔެ ވަނީ ނިންމާފަ އެވެ. ކޮމިޓީން މި ބިލު އޮތްގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ސުވާލުތަކެއް އުފައްދަވާފައިވީ ނަމަވެސް ކޮމިޓީން ނިންމީ ތަޅުމުން އެކަމާމެދު ގޮތެއް ނިންމުމަށެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކައުންސެލް ޖެނެރަލްގެ ލަފައަށް ބެލުމެއް ނެތި ވަނީ ބިލު ފާސްކޮށްފަ އެވެ. މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވ 68 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް 9 މެންބަރުން ވޯޓު ދެއްވި އެވެ.
އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓު އެކުލެވިގެންދަނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމުލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް، މި ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.