ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފި އެވެ.
ސަސްޕެންޑް ކޮށްފައިވަނީ ފަނޑުޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލާ ގުޅޭ ދުސްތޫރީ މައްސަލައާ ގުޅިގެން ހުށަހެޅި ވަގުތީ އަމުރާ ގުޅިގެން އަޑުއެހުމެއް ތާވަލު ކޮށްފަ އެވެ. އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ 11:00 އަށެވެ.
އެހެންނަމަވެސް އެ އަޑުއެހުން ފެށެން ކުޑަތަންވެފައި ވަނިކޮށް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނުން 5 ފަނޑިޔާރުންނަށް މަދުކުރުމަށް ފާސްކޮށްފަ އެވެ. އަދި އެގޮތށް ފާސްކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ.
ޖޭއެސްސީން ބުނެފައިވަނީ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާކަމަށް އަންގާފައިވުމާ ގުޅިގެން ކަމަށެވެ.