ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހަކީ ޣައިރު ދުސްތޫރީ އިސްލާހެއް ކަމަށާއި އެ އިސްލާހު ޤާނޫނުއަސާސީ އަދި ދުސްތޫރީ ހަމަތަކާ ޚިލާފު ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.
ބާ ކައުންސިލުން ނެރެނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ އިސާލާހާ މެދު ޤާނޫނީ ދުސްތޫރީ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެގޮތުން އެކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ބަންޑާރަނައިބާއި ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބު ކޮށްފައިވާ މެންބަރާ ބާ ކައުންސިލުން ހިއްސާކޮށްފައިވާނެ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.

ބާ ކައުންސިލުން ބުނެފައިވަނީ، މާޒީގައި ކަންހިނގާފައިވާ ގޮތާ އެއްގޮތަށް ކަންކަން އިއާދަވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިއީ ޤާނޫނުއަސާސީގެ 148، 149 އަދި 154 ވަނަ މާއްދާއާ ހިލާފު އަދި ޤާނޫނީ އަދި ދުސްތޫރީ ހަމަތަކާ ހިލާފު އިސްލާޙުތަކެއްކަމުގައި ދެކޭ ކަމަށެވެ.
އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިނގުމާ ހަވާލުވެހުރި މީހަކުވިޔަސް ފަނޑިޔާރެއްގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބަޔާންކޮށް ދެންނެވުނު ބީދައިން އެ މިނިވަންކަން ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި، ޤާނޫނާ ގަވާއިދުތަކުގެ ޛަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ބާ ކައުންސިލުން ބުނެފައިވަނީ މި އިސްލާހަކީ "ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ޚިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ޣައިރު ދުސްތޫރީ އިސްލާހެއް ކަމުގައި" ދެކޭ ކަމަށެވެ.
މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ތަސްދީގު ކުރުމުގެ ބަދަލުގައި، އަލުން ވިސްނަވައި ބިލު އިސްލާހު ކުރުމަށް މަޖިލީހަށް އަނބުރާ ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިންވެސް ބާ ކައުންސިލުން އެދިފައިވެ އެވެ.