ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ފާސްކުރި ބިލަކީ ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވަން ކުރިކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.

މި ބިލު މަޖިލީހުން މިއަދު ފާސްކުރިއިރު އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހަޅައި އަވަސް އަރުވާލައިގެން މަޖިލީހުގެ ގަވާއިދާ އަމަލުކުރަމުންއަންނަ އުސޫލުތަކާއި ޚިލާފަށް ފާސްކުރި ބިލު ހިމެނޭނީ ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވުންކަމުގައި ކަމަށެވެ. އަދި މިއީ ޤާނޫނުއަސާސީ ގެ 141 ގެ (ނ) އާއި ޚިލާފްއަށް ހިންގި އަމަލެއް ކަމަށް ވިދާޅުވި އެވެ.
"ފަނޑިޔާރުންނާއި ޤާނޫނު އަސާސީން ހަވާލުކޮށްފައިވާ ވާޖިބު އަދާކުރެއްވުމުގައި ސާބިތުވެ ތިއްބެވުމަށް ގޮވާލަން." ޝާހިދު ވިދާޅުވި އެވެ.
މި ބިލު ފާސްކުރުމަށްފަހު މިއަދު ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކުވެސް މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓު އެކުލެވިގެންދަނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމުލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް، މި ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.