ސްޓެލްކޯއިން ގާތްގާތުގައި 2 ކަރަންޓު ބިލެއް ފޮނުވީ ބިލް ޑެލިވާ ކުރުމުގައި އުޅޭ ޑިލޭ ބެކްލޮގް ފިލުވާލުމަށް ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ގާތްގާތުގައި 2 ބިލެއް ފޮނުވީ މީގެކުރިންވެސް އެކަން ކުރަން އުޅޭކަން ސާފުކޮށްދިނުމަށްފަހު އެވެ. ނަމަވެސް މިކަމުގައި ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމަށެވެ.

"ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން އަޅުގަނޑުމެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް. އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް. އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން." ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ބިލްތަކުގެ ރީޑިން ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ ކަމަށާއި މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް ކަމަށެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއްވެސް ދެވިފައިވާނެ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.
މި ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭ ކަމަށް ފަހުމީ ވިދާޅުވި އެވެ. މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށާއި އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު ކަމަށް ފަހުމީ ވިދާޅުވި އެވެ.
މީގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވާ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިން އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.