ބިދޭސީއަކު ދޫކޮށްލަން ޝައްމާން އަމުރުކުރި، އަދި ބައި މިލިއަން ރުފިޔާ ނެގި: ފުލުހުން

GWHyDFcaAAANFET

ބަންދު ކޮށްފައިހުރި ބިދޭސީއަކު ދޫކޮށްލަން އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާ ވަހީދު އަމުރުކުރި ކަމަށާއި އަދި އެ ބިދޭސީ މީހާގެ އަތުން ބައި މިލިއަން ރުފިޔާ ނެގި ކަމަށް ފުލުހުން ބުނެފި އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހައްޔަރުކުރި މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާ ކަމަށެވެ.

"އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޮލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެ ބަލައިފާސްކުރި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި އެ ފައިދާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަމަށެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެއިތުރުން ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލޮކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *