ފަނޑިޔާރު އަޒްމިރާލްދާގެ ދިފާއުގައި 28 ހެއްކެއް ހުށަހަޅައިފި

Screenshot

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޒްމިރާލްދާ ޒާހިރުގެ ސުލޫކީ މައްސަލައިގައި ދިފާއުގައި 28 ހެއްކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންގެންދާއިރު، މި މައްސަލައިގައި ޖޭއެެސްސީގެ ތަހުގީގު ރިޕޯޓަށް އަޒްމިރާލްދާގެ ފަރާތުން ވަނީ ޖަވާބު ހުށަހަޅާފަ އެވެ.

އަޒްމިރާލްދާގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބުގައި، ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރުމަށް 17 ކިތާބީ ހެކި އަދި 11 ޝަފަހީ ހެއްކެއް ހުށަހަޅާފައިވެ އެވެ. މި ހެކިން ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށްވެސް ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން އެދިފައިވެ އެވެ.

މީގެއިތުރުން މި މައްސަލައަކީ އަސާސެއްނެތި ތަހުގީގުކުރާ މައްސަލައެއްކަން ފާހަގަކޮށް މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިދިނުމަށްވެސް ހުށަހެޅި ޖަވާބުގައި އެދިފަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ޖަވާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މި މައްސަލަ ބެލުމަށް ނިންމާފައިވަނީ އިޖުރާއަތާ ހިލާފަށް އަދި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީއާ ޤާނޫނާ ހިލާފަށް ކަމަށެވެ. މީގެއިތުރުން ކޮމިޓީގެ ރިޕޯޓުގައި ހަގީގަތާ ހިލާފު ކަންކަން ފާހަގަކޮށްފައިވާކަންވެސް ޖަވާބުގައި ފާހަގަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ކުރިއަށް ގެންދިއުމަށް ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް މަޖިލީހުން ފާސްކުރި އެވެ. އެގޮތަށް ފާސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭސީސީން ހިންގާ ތަހުގީގެއްކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވެ އެވެ. އެގޮތުން ސަސްޕެންޑް ކުރީ ފަނޑިޔާރު އަޒްމިރާލްދާ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. މިކަންކަމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *