އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ސޮއިކޮށްފި

4h4

ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން އައްޑޫ ސިޓީގެ ޢާއްމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އައްޑޫ ސިޓީގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކެއް ހިންގުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އިސްނަގައިގެން އައްޑޫ ސިޓީގެ އ.ތ.މ.ކ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ފަހުމުނާމާގައި ސޮއި ކޮށްފިއެވެ.

މި ފަހުމާނާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސާރު ސޮއިކުރެއްވިއިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ، އަލްފާޟިލް ޔޫސުފް ސިރާޖްއެވެ. އަދި އައްޑޫ ސިޓީގެ އ.ތ.މ.ކ ގެ ފަރާތުން ސޮއިކުރެއްވީ ރައީސާ، އަލްފާޟިލާ ނުސްރަތު ރަޝީދުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތައް (ޓްރެއިން އޮފް ދަ ޓްރެއިނަރ) ޓީ.އޯ.ޓީ ސެޝަނެއް ހިންގޭނެ ކަމަށާއި، މި ސެޝަންތަކުގައި ކުނި މެނޭޖް ކުރުމުގެ ޤާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައި ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމަށް ވެމްކޯ އިން ކުރެވުމުންދާ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގައި މިނިސްޓްރީން ހިންގާ ސަރަހައްދީ ފެންވަރުގެ ޕްރެޖެކްޓްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވާކަން ފާޙަގަކޮށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އަލަށް ފަރުމާކުރެވެމުންދާ އައްޑޫ ސިޓީގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ޒިޔާރަތްކޮށް މި މަސައްކަތާއި ގުޅޭ މައުލޫމާތުވެސް ދިނުމަށްވެސް ވަނީ ރާވާފައި ކަމަށެވެ.

މި ޓީއޯޓީ ސެޝަންގެ ތެރޭގައި އައްޑޫގެ ގޭބީސީ ތަކަށްގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެއްވެސް ޑަބްލިއުޑީސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފައި ކަމަށައި، މި ޓީއޯޓީ ސެޝަންތަކަށް ފަހު ޑަބްލިއުޑީސީ މެމްބަރުން ގެ ފަރާތުން އެކުލަވާލާ ވަކި ޙައްސަ ޕްލޭންއެއްގެ ދަށުން އައްޑޫ ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މި މައުލޫމާތު ދިނުމަށް ވެސް މި ޕްރޮގްރާމް ގެ ދަށުން ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީޏް ބުނެއެވެ.

މި ޕްރޮގްރާމް ހިންގޭނީ މިނިސްޓްރީން މުޅިރާއްޖެއަށް އަމާޒުކޮށް ހިންގާ "ފަސްގަނޑު" ކެމްޕޭންގެ އިތުރުން ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަށް ހިންގާ "ޕްލާސްޓިކާނުލައި" ކެމްޕޭންގެ ދަށުން ކަމަށްވާއިރު، ކުނިން ނަފާ ލިބޭ ގޮތުގައި ކުނިމެނޭޖްކުރުމަކީ މިސަރުކާރުން ޙާއްސަ އިސްކަމެއްދެއްވައިގެން ކުރަމުންދާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *