ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ދިވެހި ޒުވާނުނަށް ވަޒީފާގެ ފުރުސަތު އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މޯލްޑިވްސް އެއާޕޯޓްސް ކުންފުނިން ފަށައިފިއެވެ.
މި ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެމް.އޭ.ސީ.އެލް އާއިއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ޔޫތު މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް އެވެ. އަދި އެމް.އޭ.ސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ތޯހާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ތޯހާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ތަނެއްކަމަށެވެ. އަދި އެއަރޕޯޓަށް އަންނަ އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ތޯހާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ވައުދާއި އެއްގޮތަށް މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެމްއޭސީއެލްއަށް ލިބިގެންދާނެ ލުޔެއްކަން ތޯހާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ހުސައިން އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުރިނަމަވެސް އެވަޒީފާތަކަށް ބޭނުންވާ ފަންނީ ޤާބިލް ޒުވާނުން މަދުކަމަށެވެ. އަދި އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާއިހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ބުނީ، މިއަދު ފެށިގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީނުކުރެވޭނެ ކަމަށާއި، އެގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތްތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދެވިގެންދާނެ ކަމަށެވެ. އަދި ހަ މަސް ދުވަހުގެ މިތަމްރީނު ޕްރޮގްރާމުގައި އެމް.އޭ.ސީ.އެލްގެ 50 މުވައްޒަފުންނާއި އަދި މި ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް 3ގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓަރީ އޮފް ހަޔަރ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާއި އެއްގޮތަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ މިޕްރޮގާމްގެ ދަށުން ޖުމްލަ ތިންހާސް ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.