ޕީޕީއެމްގެ ރިޔާސީ ޓިކެޓު – ބަގުޑިބެއްދުމާއި، އެތެރޭގެ ކޯޅުން

sdsdw

މަތިން މިނިކާ ބާޒުތަކެވެ. ތިރިން ކެހެރި ބަދަލުކޮށްގެން ތިބި ހިޔަޅުތަކާއި ކުދި މީދަލާއި ހިކަނދިވެސް ނިކުމެ އުޅެތެވެ. ކުރިކީލަ ކަނޑާލަ ކަނޑާލަ އެންމެންވެސް އެތިބީ އެންމެ ކަމެއްގެ އިންތިޒާރުގައެވެ. ޖަންގަލީގެ ރަސްގެފާނު، ސިންގާ މިވަގުތު އޮތް ހާލަތުން ރެކި ޖަންގަލީގެ މައްޗަށް ވެރިވެގަނެ، އަނެއްކާވެސް ޖަންގަލީގެ އުސޫލު ހިނގަންފަށާނީތޯ ބަލާލަ ބަލާލައެވެ. އުންމީދު ކުރަނީ އެންމެ ކަމަކަށެވެ. ސިންގާ އެނބުރި ނާދެވޭގޮތް ވުމެވެ. ހުސްވެފައިވާ ސިންގާގެ މަގާމަށް އިސްވެ ވެރިވެގަތުމެވެ. މިއީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެތެރެ ކޮއިލު މިވަގުތު އޮތް ހާލަތެވެ. ފަހަރުގައިވެސް އަޅުގަނޑު އެކަނި ފެންނަ މަންޒަރެއް ނޫނެވެ. ތާޖު އަޅައިގެން ސިންގާގެ މަގާމުގައި އިންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިސް ބައެއް ބޭފުޅުންނަށްވެސް ފެންނަ ހަގީގަތެވެ. ސިޔަސީ މައިދާނުން ފެންނަ މަންޒަރުތަކުން އެބޭފުޅުންނަށްވެސް ދެ ބަސްވެވެން ނެތީއެވެ.

ދިވެހި ދައުލަތުގެ ފައިސާއަށް އިންތިހާއަށް ހިޔާނަތްތެރިވެފައިވާ ރައީސް ޔާމީނަކީ ފަހަރުގައިވެސް ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން އަބަދުމެ ހިތް ރުހޭ ލީޑަރެއް ނޫނެވެ. ރައީސް ޔާމީންގެ ބައެއް އަމަލުތަކާއި އެއްބަސްނުވިއަސް، ސިންގާ ދެކެ ގަންނަ ބިރުންނާއި، ޖަންގަލީގެ އުސޫލަކީ ކޮބައިކަން އެކު ގިނަ ދުވަހު މަސައްކަތް ކުރެވިފައި އޮތުމުން އެ ބޭފުޅުންނަކަށް ނޯޅެއެވެ. އޮޅޭނޭ ފަދަ ޖާގައެއްވެސް ރައީސް ޔާމީން ނުދެއްވައެވެ. އެހެންނަމަވެސް، ވެރިކަން ގެއްލި، ވެރިކަމުގައި ހިންގަވާފައިވާ ހިޔާނާތްތައް ބެލި އެކި ދައުވާތައް މިހާރު ކުރަން ފަށާފައިވާއިރު، ޖަންގަލީގެ ރަސްގެފާނުގެ މަގާމުގައި ދެން މާ ގިނަ ދުވަހު އިންނަން އުނދަގޫވާނޭކަން ރައީސް ޔާމީނަށްވެސް ފަހުމްވެއެވެ. މިނިކާ ބާޒުތަކެއްހެން ޕާޓީއަށް ވެރިވެގަންނަން އުޅޭ ސިޔާސީ ވާދަވެރިންތަކެއް އެބަތިބި ކަމަށް ފާޅުގައި ވިދާޅުވީވެސް އެހެންވެއެވެ.

ވ.އާރަށް ދޫކުރުމަށްޓަކައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅުން ނެރޭނެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެތެރޭގެ އިންތިހާބަކާއި ނުލައި ނިންމައި، އެމަނިކުފާނަށް ޓިކެޓުވެސް އަރުވައިފިއެވެ. ރިޔާސީ އިންތިހާބަށް މިހާރު ހުރިހާ ޕާޓީތަކުންވެސް މަޝްވަރާތަކާއި ތައްޔާރީތައް ފަށާފައިވާއިރު، ޕީޕީއެމް/ޕީއެންސީ އަދި ފެންނަނީ ބަރުހެލިކޮށެވެ. ހުރަގޭގައި އޮތް ކެނޑިޑޭޓަކާއެކު ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަކީ އުނދަގޫ ކަމަކީއެވެ. އެކަން ޕާޓީގެ އިސް ބައެއް ބޭފުޅުންނަށްވެސް ވިސްނެއެވެ. އެކަމާއި ގުޅުވައި އެކި ހިސާބުތައް އެކި މީހުން ޖަހަންވެސް ފަށައިފިއެވެ.

 

އަބްދުއްރަހީމް – ދައްކަވަނީ ބަދަހި ޓީމެއްގެ މަންޒަރު

ރައީސް ޔާމީން ނެތް ހާލަތުގައި، އިދިކޮޅުގެ ހުރިހާ ކަމެއްގައިހެން އިސްކޮށް ހުންނަވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެމަނިކުފާނަކީ ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވާ ލީޑަރެވެ. ސިންގާގެ ހުރިހާ ގޮވާލުމަކަށް އިޖާބަދޭނޭކަން ޔަގީންވާ އެންމެ ކިޔަމަންތެރި އައުވާނެވެ. ރައީސް ޔާމީނާއެކު އެންމެ ގިނައިން ބައްދަލުވާ ބޭފުޅާވެސް މެއެވެ. އެހެންނަމަވެސް، އަބްދުއްރަހީމްއަކީ ރައީސް ޔާމީންގެ ސިޔާސީ ވިސްނުންތެރިކަމާއި، މީހުން ގެންގުޅުމުގެ ގާބިލިއްޔަތުކަން ހުރި ބޭފުޅެކޭ ބުނަން ދައްޗެވެ. އަދި ކިއެއްތަ، އަބްދުއްރަހީމްއަކީ ރައީސް ޔާމީން ނެތް ހާލަތުގައި އިދިކޮޅުގެ ކެނޑިޑޭޓައް ވުމުގެވެސް ޖާގަ އޮތް ބޭފުޅޭކޭ ބުނަން އުނދަގުލެވެ. އެ ފެންވަރާއި ފަންވަރު ހުރި ކަމަށް ނުފެންނަނީއެވެ. އެހެންވީމާ، އަބްދުއްރަހީމްގެ ދައުރު ވަރަށް ސާފެވެ. އިދިކޮޅު ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމެވެ.

"އެއްވެސް ބޭފުޅަކު ނޫޅުއްވާ ދެވަނަ ވިސްނުމެއްގައި" މިއީ އަބްދުއްރަހީމް އަބަދުމެހެން ތަކުރާރުކުރާ ވާހަކައެކެވެ. އަމިއްލަ ޒަމީރަށް އެއީ އެކަން ހަމަ ހަގީގަތުގައިވެސް އޮތްގޮތްކަމަށް ވިސްނައިދޭން އުޅޭފަދައެވެ. އެކަމަކު، ހިތާއިހިތާއި ސުވާލު ކޮށް ވިސްނާލީމާ އަބްދުއްރަހީމްގެ ހިސާބުވެސް ބުނަނީ އެހެނެއްނޫނެވެ. ބައެއް ޕްރެސް ކޮންފަރެންސްތަކުގައި، އަރިހުގައި ތިއްބަވާ އެހެން ބައެއް ބޭފުޅުން ރިޔާސީ އިންތިހާބަށް ނިކުތުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ އެއްސެވިޔަސް، އެ ބޭފުޅުންގެ ކުރިން އެ ސުވާލަށް ޖަވާބު ދެއްވަނީ އެހެންވެއެވެ. އެ ސުވާލަށް އެއިން ބޭފުޅަކަށް ޖަވާބު ދިނުމުގެ ފުރުސަތު ނުދިނުމަށެވެ. އެ ބޭފުޅުން ވިސްނަވާގޮތްވެސް އެނގިވަޑައިގަންނަވާތީއެވެ.

އަބްދުއްރަހީމްގެ އޮތީ އެންމެ އުންމީދެކެވެ. ރައީސް ޔާމީން މިނިވަންވުމެވެ. އެމަނިކުފާނު މިނިވަން ނުވެއްޖެނަމަ، ޕާޓީގެ ތެރެއިން އިސާހިތަކު އަބްދުއްރަހީމް ގެއްލުވާލާނެކަން ވިސްނޭތީއެވެ. ޔާމީންގެ ބާރު ކަނޑުވާލަން އެންމެ ފުރަތަމަ ނެރެން ޖެހޭނީ އަބްދުއްރަހީމްކަން އެމަނިކުފާނަށްވެސް ވިސްނެއެވެ. މިވަގުތު ހުރިހާވެސް އިތުބާރެއް ކުރައްވައިގެން ހުންނަވަނީ ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމަށެވެ.

 

ޒަމީރާއި ދެކޮޅަށް ޔާމީންގެ ދިފާއުގައި – ޑރ. ޖަމީލްގެ ހިސާބު

އިއްޔެ ފެށިގެން ކުރިއަށްދާ އިދިކޮޅުގެ "ހޯޕް ކޮންފަރެންސް" ގައި ވާހަކަދައްކަވަން ޑރ. ޖަމީލް ފެއްޓެވީވެސް ރައީސް ޔާމީނަކީ "އެފަދަ ދެވަނަ އެއް ނެތް" ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވަމުންނެވެ. ތި ބޭފުޅުން ތި ތިއްބެވީ ޑިމޮކްރަސީގެ ބާނީގެ ފަހަތުގައި ކަމަށް ވިދާޅުވެ އިންތިހާއަށް ތައުރީފް ކުރެއްވިއިރު، ޑރ. ޖަމީލްއާމެދު ރައީސް ޔާމީންގެ ވެރިކަމުގައި ކަންތައްވެގެންދިޔަ ގޮތް އެތަނުގައި ތިއްބެވި އެއްވެސް މީހަކު ހަނދާނެއް ނުނެތެއެވެ. ހުދު އެމަނިކުފާނުވެސް ހަނދާން ނެތިއްޖެއޭ ބުނަން އުނދަގުލެވެ. ރައީސް ޔާމީންގެ ރަނިންގމޭޓްގެ ގޮތުގައި އިންތިހާބު ވުމަށްފަހު، އެ މަގާމުން ނެރެލީ ކިހާ ހުތުރުކޮށްކަންވެސް ޑރ. ޖަމީލް ހަނދާނެއް ނުނެތޭނެއެވެ. އެއީ ފައިސާގެ ދަހިވެތިކަމުގައި، ވަކި މީހަކަށް ބާރު ދިނުމުގެ ގޮތުން ކުރެވުނު ކަމެއްކަމަށް، އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވާ ދެއްކެވި ވާހަކަތަކުން ވަރަށް ސާފެވެ.

ރައީސް ނަޝީދު ކުރިފުޅުމަތީ ހުއްޓި ހުރެ، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެއްވި އެ މެސެޖުގައި، "ރިޔާސީ ގަނޑުވަރު ކައިރީގައްޔާއި، ރައީސްގެ އަނބިކަނބަލުން ވަށައިގެން ތަފާތު ތަވާފްކުރާ" ބައެއް ވިޔަފާރިވެރިންނަށް ދިވެހި ފަޅު ރަށްތައް ރައީސް ޔާމީން ވިއްކާލަމުންދާ ކަމަށާއި، އެއީ ވެރިކަމުގެ ލައްޒަތުގައި ކުރައްވާ ހުދުމުހުތާރު ކަމެއްކަމަށް ވިދާޅުވެފައިވާއިރު، ފަހަރުގައިވެސް ވ.އާރަށް މައްސަލައިގައި ރައީސް ޔާމީނަކީ މައުސޫމް މީހެއްކަމަށް ޑރ. ޖަމީލް ގަބޫލުކޮށްފާނޭ ބުނަން ދައްޗެވެ.

ފަހަރުގައި، ޑރ. ޖަމީލްގެ ވިސްނުމުގައި ރައީސް ޔާމީން ނެތް ހާލަތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ޓިކެޓް ލިބޭނީ އެމަނިކުފާނަށެވެ. ފަހަރުގައި އެއީ ގއ.ވޮޑުމުލާ މައްސަލަ އިސްތިއުނާފްކުރަން ދެ ދުވަސް ތެރޭގައި ހުށަހަޅާފައި، ވ.އާރަށް މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ލަސްކުރާ ސަބަބު ކަމަށްވެސް ވުން އެކަށީގެންވެއެވެ. އިންތިހާބާއި ކައިރިވާއިރު، ރާއީސް ޔާމީން މިނިވަން ނުކުރެވޭނަމަ އިދިކޮޅަށް އެހެން މަގެއް ހޯދަން މަޖުބޫރުވާނެއެވެ. ފަހަރުގައި ޑރ. ޖަމީލް ހިސާބު ޖައްސަވަނީ އެމަގުން އެކަން ވާނޭ ގޮތަށްކަމަށްވެސް ވެދާނެއެވެ. ޒަމީރު ގަބޫލުނުކުރާ މީހެއްގެ ފަހަތުގައި ހުރުމަކީ ސިޔާސީ މައިދާނުގައި އެންމެ ފައިދާ ހުރި ގޮތް ނޫންކަން ވިސްނޭތީއެވެ.

 

ޑރ. މުއިއްޒު – ޓިކެޓު ލިބުން އެންމެ ގާތް

ޑރ. މުއިއްޒަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި މިވަގުތު ހުރި އެންމެ ސިޔާސީގޮތުން ބާރުގަދަ ފަރާތޭ ބުނަން ޖާގަ އެބައޮތެވެ. އެމަނިކުފާނަކީ، މާލޭގައި އެމްޑީޕީއިން އޮތް ޒަމާންވީ ކޮންޓްރޯލް ނަގައި، މޭޔަރުގެ ގޮނޑި ފުރަތަމަ ފަހަރަށް އިދިކޮޅަށް ކާމިޔާބު ކޮށްދިން ފަރާތެވެ. މޭޔަރުގެ މަގާމުގައި ހުންނަވައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސިޔާސީ ގޮތުން އެންމެ ފިއްތުންތައްވެސް ސަރުކާރަށް ކުރުވަނީ ޑރ. މުއިއްޒުއެވެ. ހަމަ ހަގީގަތުގައިވެސް، ރައީސް ޔާމީން ނެތް ހާލަތުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަށްވުން މިވަގުތު އެންމެ ގާތީވެސް ޑރ. މުއިއްޒުއެވެ.

އެކަން ރައީސް ޔާމީންއަށްވެސް ފަހުމްވާކަހަލައެވެ. އަދި، ވަކިން ހާއްސަކޮށް އަބްދުއްރަހީމަށްވެސް ފަހުމްވެއެވެ. ޑރ. މުއިއްޒުއަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާކަމުގެ އަޑުތައްވެސް ފެތުރެނީ އެހެންވެއެވެ. ޝުކުރު ބަރުތީލަކުރިއަސް، އަދި ޓީމުގެ ބަދަހިކަމުގެ ވާހަކަ ދެއްކިޔަސް، ޑރ. މުއިއްޒުގެ ނަން ބައެއް ބޭފުޅުން އުނި ކުރައްވަނީ އެހެންވެއެވެ. އެހެންނަމަވެސް، ޑރ. މުއިއްޒު މިވަގުތު ހުންނެވީ ޕާޓީގެ އެތެރެއިން ކާމިޔާބު ހޯދޭނެ މަގާމެއްގައެވެ. ގިނަ މުޒާހަރާތަކުން ތަސްވީރުގެ މެދުގައި އެންމެ ކުރީގައިވެސް ހުންނަނީ އެހެންވެއެވެ. އެކަމަކު، ރައީސް ޔާމީންގެ ބާރު މަޑުމަޑުން ކަނޑުވާނުލައި، ރިޔާސީ އިންތިހާބުގެ ކުރިން ޑރ. މުއިއްޒުއަށް ޖާގައެއް ލިބޭނެކަމަކަށް ގަބޫލެއް ނުކުރެވުއެވެ. ރައީސް ޔާމީންގެ ހިތްހަލާސްކަން ހޯދަން އުނދަގޫވީމައެވެ.

 

ޣައްސާނާއި ޑރ. ޝަހީމްގެ ހުވަފެން

ޣައްސާން މައުމޫނާއި، ޑރ. ޝަހީމްއަކީ އިދިކޮޅުގެ ރިޔާސީ ޓިކެޓު ދިނުމަށް ފަހަރުގައި ރައީސް ޔާމީން ހިތްރުހިދާނޭ ދެ ބޭފުޅުންނެވެ.

ޣައްސާންއަކީ ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެވެ. އަމިއްލަ ބައްޕާފުޅު ޖަލަށް ލެއްވި އިރުވެސް، ކިޔަމަންތެރިކަމާއެކު ރައީސް ޔާމީންގެ އަރިހުގައި ޣައްސާން ހުންނެވިއެވެ. އިތުބާރު ހޯދޭނޭ ހުރިހާ މަސައްކަތެއް ކޮށްފިއެވެ. ޣައްސާން އިދިކޮޅުގެ ޓިކެޓު ލިބުން ގާތޭ ބުނަންޖެހޭ އަނެއް ސަބަބަކީ ރައީސް މައުމޫންގެ އެމްއާރްއެމް އިން މި ވަގުތު އެއްވެސް ބަޔަކާއެކު ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ކުރަމުން ނުދާތީއެވެ. ފަހަރުގައި އެއީ ރައީސް މައުމޫނަށް ޣައްސާންގެ ހިޔާލު އެނގިލައްވާތީއެވެ.

ދެން ހުންނެވީ ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރަނިންގމޭޓް ޑރ. ޝަހީމެވެ. ޑރ. ޝަހީމަކީވެސް ސިޔާސީ ގޮތުން ކުޅަދާނަ ބޭފުޅެކެވެ. ރައީސް ޔާމީންގެ އިތުބާރު ހޯއްދަވާފައިވާ ކެނޑިޑޭޓެކެވެ. އަދިވެސް ރައީސް ޔާމީން ކުރިމަތިލައްވާނަމަ ރަނިންގމޭޓަށް ވުމުގެވެސް ޖާގަ އޮތް ބޭފުޅެކެވެ. އަރަބި ބައެއް ގައުމްތަކާއި ގާތް ގުޅުމެއްވެސް ބާއްވަވާއިރު، އެއީވެސް ޑރ.ޝަހީމަށް ޓިކެޓު ލިބެންޖެހޭކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ސަބަބަކަށް ވެދާނެއެވެ.

ކޮންމެއަކަސް، ޖަންގަލީގެ ސިންގާއާމެދު ކަންތައް ކުރެވިގެންދާނޭ ގޮތެއްވެސް އެންމެން މިތިބީ ބަލަންށެވެ. ތަހުތު މާ ގިނަ ދުވަހު ހުސްކޮށް ހުންނަ ނަމަ ހިކަނދި މީދާވެސް އެއަށް އަރަން މަސައްކަތް ކުރާނޭކަން ކަށަވަރެވެ.

Leave a Reply

Your email address will not be published. Required fields are marked *