ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ނައިބްރައީސް ހުސެއިން މުހައްމަަދު ލަތީފް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ޕްލޭން ބީ އަށް 80،000 ރުފިޔާ ހަރަދުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ހުވާ ކުރެއްވި ރަސްމިއްޔާތަށް ހިނގި ހަރަދުގެ ތަފްސީލް ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިމަން ލަތީފް ހުށަހެޅުމުން މަޖިލީހުގެ އިދާރާއިން ބުނީ، ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާ ކުރެއްވުމުގެ މުޅި ރަސްމިއްޔާތަށް ހަރަދުވީ 23.2 މިލިއަން ރުފިޔާ ކަމަށާއި، އަދި މޫސުން ތަން ނުދޭނަމަ ޕްލޭން ބީއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭނުން ކުރަން އެތަން ތައްޔާރުކުރަން 80،114.40 ރުފިޔާ ހަރަދުވި ކަމަށެވެ.
މަޖިލީހުން ބުނީ، ޕްލޭން ބީ އަށް މަޖިލިސް ތައްޔާރު ކުރުމަށް ހަރަދުވި ފައިސާއަކީ އެތަނަށް ބޭނުންވާ ސްޓޭޖް ފަޅިތައް ހެދުމަށާއި، އެ ސްޓޭޖް ފަޅިތަކުގައި ކާޕެޓް އެޅުމަށް ބޭނުންވާ ކާޕެޓް ގަތުމަށް ކަމަށެވެ.
Expenditure details by the People's Majlis for President @MMuizzu's oath taking ceremony
The Majlis spent close to 23 million to create a replica of the Majlis chambers!
They ALSO spent 80,000 to set up Majlis as 'plan B'. Why couldn't they just have had the ceremony there?! pic.twitter.com/XrzrrTU1vG
— Piko (@AimonLatheef) December 10, 2023
މީގެއިތުރުން ގައުމީ ދިދަތަކާއި ރައީސްގެ ދިދަތައް ތައްޔާރު ކުރުމަށް 33،210 ރުފިޔާ ހަރަދު ކޮށްފައިވާއިރު، ހުވާތައް ތައްޔާރު ކުރުމަށް 24،235 ރުފިޔާ ވަނީ ހަރަދު ކޮށްފައި ކަމަށްވެސް މަޖިލީހުން ބުނެއެވެ. އަދި ދައުވަތު ކާޑުތައް ދިވެހިންނާއި އިނގިރޭސިން ތައްޔާރު ކުރުމަށާއި އިދާރީ ޕްރޮގްރާމުތައް އިނގިރޭސި އަދި ދިވެއްސަށް ތައްޔާރު ކުރުމުގެ އިތުރުން ކުލަ ކާޑު އަދި ސެކިއުރިޓީ ކާޑު ޕްރިންޓުކޮށް ކެފުމަށް 152،195 ރުފިޔާ ހަރަދުވި ކަމަށްވެސް މަޖިލީހުން ބުނެއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ބޮޑު ހަރަދެއް ހިނގާފައިވާއިރު، ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމީ ރައީސް ޑރ.މުއިއްޒުގެ އެދިލެއްވުމުގެ މަތިންނެވެ.