ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

WhatsApp Image 2024-08-28 at 16.10.10

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކޮށްފިއެވެ.

މިއީ ސްޓެލްކޯއިން ކުރީއްސުރެ ހިންގަމުން އައި ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް އެ ކުންފުނިން އިތުރުކުރި ބޮޅެކެވެ. އެގޮތުން މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެ ކުންފުނިން ވަނީ ސްޓެލްކޯ ހޮޓްލައިން، 1545 ތަޢާރަފުކޮށްފައެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށެވެ.

މީގެއިތުރުން ކުންފުންޏާއި ގުޅުންހުރި އެނޫން ވެސް ކަންކަމުގައި ހޮޓްލައިން ބޭނުން ކުރެވޭއިރު، އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މިއީ ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.

"ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު ބޮޅެއް. އިރާދަކުރެއްވިއްޔާ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް"، ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ގެންދަނީ އެ ކުނފުނީގެ ޚިދުމަތާއި، ރައްޔިތުންނާއި އޮންނަ ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *