ކޯރާޑިއަކުން މީހަކަށް ހަމަލާދިނުމަށްފަހު ފިލަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ބަޔަކު ހަމަލާ ދިން މައްސަލައެއް ރޭ 23:35 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މީހާއަށް ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށާއި އަދި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މާރާމާރީ ހިންގި ކަމަށް ތުހުމަދު ކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހުއްޓުވައިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ގދ. ފިޔޯރީ/ހީނާމާގެ، ރުސްތަމް އިބްރާހިމް (25 އަހަރު) އަދި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19 އަހަރު) އެވެ.
މި މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެގޮތުން ކޯރާޑިއަކާއި ވަޅިއެއް ފެނިފައިވެ އެވެ. ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.