މައި ސަފުހާއަށް ދާން
ތޭވީސް.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(72 ހަފުތާ ކުރިން)
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި
ފޮޓޯ: ތޭވީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ސުއޫދު ވަނި ރައީސުލްޖުމްހޫރިއްޔާއަށް އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ހުސްނުއްސުއޫދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އަމިއްލަ ފަރާތަކުން ހުށަހެޅި ދުސްތުރީ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯތަށް ލިބިގެންވާ ކަމަށް ނިންމުމާއެކު، ރައީސް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއާ ހިލާފަށް ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒުފޯރުވާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ބެލުން ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، "ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާންކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް" ޤާނޫނުއަސާސީ ޚިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވަނީ އެކަންކަމާ ގުޅިގެން އިހްތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.

ފަނޑިޔާރު ކަމުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވިއިރު، އޭނާ ހިމެނޭހެން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް