މައި ސަފުހާއަށް ދާން
ތޭވީސް.

"ގޮނޑީގައި މިއިނީ މިނިވަންކަމާ އެކު"

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(73 ހަފުތާ ކުރިން)
"ގޮނޑީގައި މިއިނީ މިނިވަންކަމާ އެކު"
ފޮޓޯ: ތޭވީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިނީ މިނިވަންކަމާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހުގެ ރައީސްގެ ހާލުކޮޅާމެދު ހަމްދަރުދީވާކަމަށާއި މަޖިލިސް ރައީސް އިނީ ”ބަޑި ބައިންދާފައި“އިން ހާލަތެއްގައި ކަމަށް ވިދާޅުވެފަ އެވެ.

މީކާއިލް މިގޮތަށް ވިދާޅުވުމުން އޭނާގެ ވާހަކަ ހުއްޓުވާ އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނުގެ ހާލަތެއް މީކާއިލްއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.

”އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ، އަޅުގަނޑުގެ ސިއްހީ ހާލަތެއްވެސް އަދި ދިރިއުޅުމުގެ ހާލަތެއްވެސް، އެހެން ހާލަތެއްވެސް. އެހެންމަ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނޯންނާނެ.“

އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނެވީ އެއްވެސް ހުރަހެއް ނެތި ކަމަށެވެ. އަދި އެމަނިކުފާނު މަގާމަށް އިންތިހާބު ކޮށްދެއްވީ މަޖިލީހުގެ މެންބަރުން ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާސަތުގައި އިންނެވީ މިނިވަންކަމާއެކު ކަމަށް އަބްދުއްރަހީމް ވިދާޅުވި ނަމަވެސް މަގާމުން ދުރުކޮށްފާނެ ކަމުގެ ބިރު އަބްދުއްރަހީމަށް އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އެގޮތަށް ދެކެނީ އަބްދުއްރަހީމް އަދި ރައީސް ޑރ. މުއިއްޒުގެ ގުޅުން ގޯސްވެފައިވާތީ އެވެ.

ރައީސް މުއިއްޒު އަދި މަޖިލިސް ރައީސް އަބްދުއްރަހީމްގެ ގުޅުން ގޯސްކަން ހާމަކުރެއްވީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާޙިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި ހިސާބުންނެވެ. އެ މައްސަލައިގައި ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ ދުޅުން ރަނގަޅުނަމަ އެފަދައިން އަމަލު ނުކުރެއްވީސްކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން ޕީއެންސީގެ ހަރަކާތްތަކުންވެސް އަބްދުއްރަހީމް ކޮންމެވެސް ވަރަކަށް ނުފެނި ހުރުމަށްފަހު ވަރަށް ފަހުން ޕާޓީގެ މައި ހަރުގެއަށް ވަޑައިގެންނެވި އެވެ. އެހެންނަމަވެސް އެދުވަހުވެސް މީޑިއާއަށް މައުލޫމާތެއް ނުދެއްވަ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް