މައި ސަފުހާއަށް ދާން
ތޭވީސް.

ރޯދަމަހަށް އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލެއް ނުވާނެ: މޭޔަރު

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(73 ހަފުތާ ކުރިން)
ރޯދަމަހަށް އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލެއް ނުވާނެ: މޭޔަރު
ފޮޓޯ: ތޭވީސް

ރޯދަ މަހަށް އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ނުވާނެ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ގޯސްވެފައިވާއިރު ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަންޖެހޭތީ އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެނަކައިން މިފަހުން ބުނެފައިވަނީ އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މޭޔަރު ނިޒާރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމަޟާން މަހަށް އައްޑޫގެ ކަރަންޓްގެ މައްސަލަ އަދި ހައްލެއް ނުވާނެ ކަމަށެވެ.

މާލެއިން އައްޑުއަށް ގެނައި ޖަނަރޭޓަރުން ކަރަންޓް ދިން ނަމަވެސް 2 ޖެނެރޭޓަރު ވަނީ މިވަގުތުވެސް ސްޕެއާ ނުލިބި ހުއްޓިފައި ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ގަޑިއަކުން ގަޑިއަކުން އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓް މިދަނީ ކަނޑަމުން. ހައްލަކީ ހަގީގީ ހާލަތު ދަނެގަނެ އަދި އެހާލަތު ހާމަކޮށް، ދައުލަތުން ހަރަދު ކޮށް މައްސަލަ ހައްލު ކޮށްދިނުން. ފެނަކަ ކުންފުނި ވަނީ ބަނގުރޫޓު ހާލަތުގައި." ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައިގައި ފެނަކައިން މިދިޔަ ހަފުތާގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިންވަނަ ޖަނަރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ހިންގަން ފެށޭނެ ކަމަށެވެ. އަދި ރޯދަ މަހަށްވާއިރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަން ފެނަކައިން ހާމަކޮށްފައިވެ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް